އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ މަރުގެ އަދަބު ރާއްޖޭގައި ދިނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް މަރުގެ އަދަބު ރާއްޖޭގައި ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ހާމަކުރެއްވުމުންވެސް، މަރުގެ އަދަބު ދިނުމަކީ އެއީ ގައުމީ ތަރައްގީގެ ލަނޑުދަނޑިއެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިސްލާމް ދީނުގައި މަރުގެ މަރަށް މަރު ހިފުމަކީ، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ކުރަން އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ.

އޭގެ ފަހުން ވެސް އެކި ބާވަތުގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވިޔަސް، އެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ