އިންޑިއާގެ ވެރިންނަށާއި އެ ގައުމަށް މަލާމާތްކޮށް ބަދު ބަސް ބުނި މައްސަލައިގައި ސަސްޕެންޑްކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ އަށް އެތެރެ ނުވެވޭ ގޮތަށް ބްލެކް ލިސްޓްކޮށްފައިވާ ކަން އެނގިއްޖެ އެވެ.

އިންޑިއާ އަށް އެތެރެ ނުވެވޭ ގޮތަށް ބްލެކް ލިސްޓް ކުރީ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދުއެވެ. ޝިއުނާ އާއި މަލްޝާ މީގެކުރިން ވެސް ވަނީ ބްލެކް ލިސްޓްކޮށް، އިންޑިއާ އަށް އެތެރެ ނުވެވޭ ގޮތް ހަދައިފަ އެވެ. އެކަމަކު، އެއިން އެއްވެސް ބޭފުޅަކަށް އެކަން އެނގިފައެއް ނުވެ އެވެ.

މަހްޒޫމް ބްލެކް ލިސްޓްކޮށްފައި ވަނީ ވަރަށް ފަހުންނެވެ.

އިންޑިއާ އިން މީހަކު ބްލެކް ލިސްޓް ކުރާ މައިގަނޑު އެއް ސަބަބަކީ އެ ގައުމާއި އެ ގައުމުގެ ވެރިންނާ މެދުގައި ނުބައި ތަސައްވުރެއް ގެންގުޅެ، އިންޑިއާއާ ދެކޮޅު ހިޔާލުތައް ފަތުރާ މީހުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކު އިންޑިއާ އިން ވަނީ ބްލެކްލިސްޓްކޮށްފަ އެވެ.

އިންޑިއާ އިން ބްލެކް ލިސްޓްކޮށްފައިވާ މީހުންނަށް އެ ގައުމަށް އެތެރެވުމުގެ ފުރުސަތުގެ ދިނުމުގެ ބަދަލުގައި ޑީޕޯޓްކޮށްލަ އެވެ. ގިނަ މީހުންނަށް އެކަން އެނގެނީ ވެސް އިންޑިއާ އަށް ގޮސް، އިމިގްރޭޝަނުން ކްލިއަރެންސް ހޯދަންދާ ހިސާބުންނެވެ. އެކަމަކު، ވަކި ހާއްސަ ހާލަތެއްގައި މީގެކުރިން އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ދީފައި ތިބި މީހުން ވެސް އެބަތިބި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ގޮވާލައިފަ އެވެ.

މި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އިންޑިއާއަށާއި މޯދީ އަށް ފާޑުކިޔައި ރައްދު ދިނެވެ. އަދި ބައެއް ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި އިސްރާއީލްގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ޝިއުނާ އާއި މަލްޝާ މަހްޒޫމް ސަސްޕެންޑްކޮށްފަ އެވެ. އެމީހުން ސަސްޕެންޑް ކުރީ ކިހާ ދުވަހަކަށް ކަމެއް އެނގިފައެއް ނުވެ އެވެ.

އިންޑިއާގެ ބޮޑެތި މީޑިއާތަކާއި ބޮލީވުޑުގެ ފިލްމީތަރިން ވެސް އަންނަނީ ރާއްޖެ ދަތުރުނުކުރާން ހިތްވަރުދެމުންނެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރި މައްސަލަ ސޯޝަލް މީޑިއާ އިން ފާހަގަވެފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ސަރުކާރުގެ އިސް ބޭފުޅަކާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.