ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ގައުމުގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓާނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. މި ފޯރަމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރާއްޖެ އާއި ޗައިނާއާ ދެ ގައުމުގެ ސަރުކާރާއި އަދި ދެ ގައުމު ހިއްސާވާ ވިޔަފާރިތަކާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި މި ފޯރަމްގައި ވެސް ދިވެހި ރާއްޖެ އާއި ޗައިނާގެ ގިނަ ވިޔަފާރިތަކެއް ތަމްސީލު ވެގެންދާކަން އުފަލާއެކު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ގައުމުގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގެ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫއުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.
ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަށާއި، އަދި ހާއްސަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާސިލްކުރަން ބޭނުންފުޅުވާކަމަކީ ވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުން ކަމަށެވެ.
ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.