ގދ. ތިނަދޫގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކޮށްފައިވާ ގާނޫނީ ވަކީލު އަހުމަދު ޝާން އަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދީފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި މައްސަލައިގައި ދައުލަތުން ޝާންގެ މައްޗަށް ދައުވާކުރުމުން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބޭރުކޮށްލީ އެވެ.

ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި އަލުން މި މައްސަލަ ބެލުމުގެ ގޮތުން މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެއަށްފަހު އިތުރު އަޑުއެހުމެއް ކުރިއަށް ގެންދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.

އެހެންނަމަވެސް މި މައްސަލަ އަނބުރާ ނުގެންދާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޝާންގެ ފަރާތުން އޭނާގެ ވަކީލަކު މީގެ ކުރިން ވިދާޅުވެފައި ވަނީ އަންހެން ކުއްޖާ އަށް ޝާން ޖިންސީ ގޯނާ ނުކުރާ ކަމަށާއި އެ އަންހެން ކުއްޖާ ކޮޓަރިއަށް ވެއްދީ އޭނާ ކޮޓަރީގެ ފާހާނައިގައި ފެންވަރަން ހުއްޓާ ކަމަށެވެ. އެކަން ކުރީ ބަޔަކު ރާވައިގެން އޭނާ ފްރޭމްކުރަން ކަމަށް ޝާންގެ ފަރާތުން ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޝާން ވަކީލުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ސަސްޕެންޝަން އުވާލީ އެވެ.

ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު އޮވެ ޝަރީއަތް ހިނގަމުންދާ މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދިން އިރު، މީގެ ކުރިން ވެސް ޖިންސީ ފުރައްސާރައެއްގެ ތުހުމަތު އޮތް މީހަކަށް މަގާމު ދީގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މަގާމުން ވަކިކޮށްފައިވެ އެވެ.

މީގެ އިތުރުން ބައެއް ކުށްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސަރުކާރުގެ މަތީ މަގާމުތައް ދޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.