ރާއްޖެ އާއި ޗައިނާއާ ދެމެދުގައި 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ގަނޑުވަރުގަ އެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެފަހުގައި، އޮތީ ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވައިފަ އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރުން އޮތެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުއިއްޒާ އެކީގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ މިނިސްޓަރުންނެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސޯޝަލް ހައުސިން އާއި ގުޅޭ އެއްބަސްވުމަކާއި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.
މީގެއިތުރުން ކާރިސާއާ ގުޅޭ ގޮތުން ލިބޭ ގެއްލުން ކުޑަ ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމަކާއި ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި މީޑިއާ ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.
މި އެއްބަސްވުންތަކުގެ މާ ބޮޑު ތަފްސީލެއް އަދި ދިވެހި ސަރުކާރާއި ޗައިނާއިން ހާމައެއް ނުކުރެ އެވެ.
ޗައިނާ އިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ޕީޕަލްސް ގްރޭޓް ހޯލްގަ އެވެ. ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވަން ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވި އެވެ. އެ ކުޑަކުދިން ތިބީ ދިވެހި ދިދަ އާއި ޗައިނާގެ ދިދަ ހިފައިގެންނެވެ.