އުއްމީދާ އެކު ރައްޔިތުން އިންތިހާބު ކުރި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްފި ކަމަށާއި ސަރުކާރަށް ވަގުތު ދީގެން ތިބެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭނު ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 ނުވަތަ 80 ޕަސެންޓް މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު އެ ޕާޓީން ވެސް މިކަން މިގޮތަށް ހިނގާތަން ބަލަން ތިބެގެން ނުވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ އާދަމް އާޒިމްގެ ކެމްޕޭން ނިންމުމަށް ބޭއްވި ޖަލްސާގަ ތެރެއިން

ސަރުކާރު ޖަވާބުދާރީ ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ ބޮޑު އަނދަވަޅަކަށް ކަމަށާއި މިހާތަނަށް އެމްޑީޕީން މަޑުކޮށްލައިގެން ތިބީ މިއީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރަކަށް ވާތީ މި ސަރުކާރަށް ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަދިވެސް ހިތަށް އަރާ ބައެއް ފަހަރު އަދިވެސް ކުޑަވަގުތުކޮޅަކަށް ބަލާލަންވީއޭ. އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވެން އޮތް ހެނެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަމުންދާއިރު މުޅި ރާއްޖޭގެ ރައްޔިތުން ވެސް މިއަދު ތިބީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ކުރެވުނު ކަންތައްތަކާއި މެދު ކަންބޮޑުވެފައި ކަމަށެވެ.

"ހުރިހާ ކަމެއް ކުރާނަން. އެއީ އިދިކޮޅު ޕާޓީއެއްގެ ޒިންމާ. ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރުން ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް ޖަވާބުދާރީކުރުވުމުގައި އަޅުގަނޑުމެން ފަހަތަށް ނުޖެހޭނަން. އެމްޑީޕީ އަކީ އެކަން ކުރަން އެނގޭ ބައެއް، ކޮށްފައި ތިބި ބައެއް. ކުރިއަށް އޮތް ތަނުގައި ވެސް އެކަން އަޅުގަނޑުމެން ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުން ހޮނިހިރު ދުވަހު އޮންނައިރު ސޯލިހު ވަނީ އެ ވޯޓުން މާލޭ ރައްޔިތުންގެ އިހުސާސްތަކާއި މާލެ އަށް ވަމުންދާ ގޮތް ސަރުކާރަށް ދެއްކުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. މި ސަރުކާރުން މާލޭގެ ރައްޔިތުންނަށްވީ ވައުދުތައް އޮތްތާ ބޭއްވުމަށްފަހު ކުރަނީ މުޅިން ވެސް އެހެން ކަމެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.