މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އާޒިމް އާއި މާލޭގެ ދާއިރާތަކަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ.

މި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އާދަމް ޝަރީފް ވިދާޅުވީ މި ރަސްމިއްޔާތު ވީހާވެސް ކުލަ ގަދަކޮށް ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

މާލޭގެ އާ މޭޔަރާއި، ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާއެކު ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންގެ އުއްމީދުތަކާއި ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ. އަޅުގަނޑުމެން ޔަގީންކުރަނީ އަލަށް ހޮވިވަޑައިގެންނެވި މޭޔަރު އަދި އިތުރު މެންބަރުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި، އާޒިމަށް

7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގަތެވެ.

މި ބައި އިލެކްޝަންގައި ބާތިލް ވޯޓުގެ ގޮތުގައި 402 ވޯޓު ކަނޑައަޅާފައިވެ އެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކޮށްފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.