ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފި އެވެ.
ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާއަށެވެ.
އާސަންދަ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ގައުމުތަކަށް ބަލި މީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅު ކަމުގައި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި ހިމަނާފައިވާ ކަމަށެވެ.
އެގޮތަށް ލިޔެފައި ވަނީ މިދިޔަ ޑިސެމްބަރު 12 ގައި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މި ހިދުމަތް އިތުރު ގައުމުތަކަށް ފުޅާ ކުރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭ ގޮތަށް ކަމަށް އާސަންދައިގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ މި ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
"ވީމާ މިފަދައިން ހަބަރުތައް ގެނެސްދެއްވާއިރު ކުންފުނީގެ ބަހެއް ހޯއްދަވާ، ކަމުގެ ޙަޤީޤަތް ސާފުވާނެހެން ހަބަރުތައް ގެނެސްދެއްވުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އާސަންދައިގެ ބަޔާނުގައިވެ އެވެ.
ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އާސްނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީއާ ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.