އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ރަހްމަތްތެރި އަދި އަވަށްޓެރި ވެސް ގައުމެއް ކަމަށާއި އިންޑިއާ އަށް އަބަދުވެސް އިހްތިރާމް ކުރަން ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވިސްނުންތެރިކަމާއި ގެންގުޅޭ ރަނގަޅު ސްޓްރެޓެޖިކްގެ ވެރިބައެއް ކަމަށެވެ. އެއީ އަމިއްލަ އުސޫލުތަކުގައި ހިފެހެއްޓި ބައެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އެއްވެސް އިރެއްގައި ގަދަ ބާރުން ކަންކަން ކުރަމުން އައި ބައެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިންގެ ދުރުވިސްނުމެއް ނެތް ނަމަ ރާއްޖެއަށް ގެއްލުންވާނެ ކަމަށެވެ. އަދި "މޭ ފޮޅާލާފައި" ރާއްޖެ އިން ނުކުތުން ރަނގަޅު ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދުވެސް އިންޑިއާއަށް އިހުތިރާމު ކުރަން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ތެރޭގައި ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރާއްޖެ ދިއުމުގެ ބަދަލުގައި ޗުއްޓީ ހޭދަކުރުމަށް ލަކްޝަދީޕަށް ދިއުމަށް ގޮވާލައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ބައެއް ވެރިންނާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ވަނީ ލަކްޝަދީޕް ޕްރޮމޯޓްކޮށްފަ އެވެ.

އެއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ ބައެއް ޑެޕިއުޓީ މިނިސްޓަރުން ވަނީ އިންޑިއާ އާއި މޯދީ އަށް ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރައްވައި ތަފާތު ޓުވީޓުތައް ކުރައްވައިފަ އެވެ. އެ މައްސަލައިގައި ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއާއެކު، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފަ އެވެ.