ދަރިންގެ މެދުގައި ތަފާތު ނުކުރާ ކަމަށް ގިނަ މައިންބަފައިން ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް ބޭއިހުތިޔާރުގައި ނަމަވެސް ކޮންމެވެސް އެއް ކުއްޖަކީ ތިބާގެ ފޭވަރިޓްއަށް ހެދޭ ފަހަރުު އާދެ އެވެ.

މިއީ ދެންތިބި ދަރިންގެ ނަފްސާނީ އަދި ޖިސްމާނީ ކުރިއެރުރަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށް މިފަހުން ހެދި ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

އެގޮތުން އެއް ކުއްޖެއްގެ ކުރިމަތީގައި އަނެއް ކުއްޖަކަށް މާބޮޑަށް ތައުރީފުކޮށް އަޅާކިޔާ ހެދުމަކީ ދެން ތިބި ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަކޮށްދޭނެ ކަމެކެވެ.

އޭގެ އިތުރުން އެއް ކުއްޖަކަށް މާބޮޑަށް އަޅާލާ ފަރުވާ ކުރެވޭ ތަން ދެން ތިބި ކުދިންނަށް ފާހަގަ ކުރެވިއްޖެ ނަމަ އާއިލާއާއި ދުރުވެ ކެއިންބުއިން ފަދަ ކަންކަމުން ވެސް އެކަހެރިވެ އެވެ. ނަތީޖާއަކަށްވަނީ ޖިސްމާނީ ސިއްހަތަށް އަސަރު ކުރުމެވެ.

ހަމައެއާއެކު މިފަދަ ގޮތަކަށް ބޮޑެތިވާ ކުދިން މައިންބަފައިންނާ ދުރުވެ ބޮޑު މީހެއްގެ ގޮތުގައި އަމިއްލަ އާއިލާ ދެމެހެއްޓުމުގައި ވެސް އެތައް ގޮން ޖެހުންތަކަކާ ކުރިމަތިވެ އެވެ.

ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ރަނގަޅު ކަަމަކަށް ނުވާއިރު އެއީ ދުރުވާން ޖެހިފައިވާ ނުރަނގަޅު އާދަ އެކެވެ.