މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށައެޅުއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުމާއި ފަރުވާކުޑަވުމާއި މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާލުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، މީހުން މަރުވުމާއި ޖިސްމަށް އިޔާދަ ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ލިބުން އިތުރުވަމުންދާތީއާއި، ކޮންމެ އިހުމާލަކީ އަނިޔާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށޭނަ ސަމާލުކަން ނުދެވުމާއި ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެގޮތުން ސައްބީސް ޖެނުއަރީ ދެހާސް އެކާވީސްގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ އެކަކު ނިޔާވެ، އަނެކަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވަނިކޮށް، ހަތަރެއް ފެބުރުއަރީ ދެހާސް އެކާވީސްގައި ކާޕެޓް ރޯލެއް ވެއްޓުމުގެ ސަބަބުން ޒުވާނަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީއާއި މިނޫންވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން މާލޭ ވިޔަފާރި ބަނދަރުގައި ކުރިމަތިވަމުންދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނިޓަރިން މިހާރަށްވުރެ ވަރުގަދަ ކުރުމަށާއި ރިސްކް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާ ކުރުމަށާއި މަސައްކަތްކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަމުގެގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަމަށް އެމީހުން އަހުލުވެރި ކުރުމަށާއި އެކަމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަށްވެސް މިކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހެދުމަށާއި އޮޑިޓާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މީހުންގެ ސަލާމަތަށްޓަކައި މަޖޫރީ ކުންފުނިތަކުން ލާޒިމުކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި، އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އިންޞާފު ހޯދައިދީ، އިމަރޖެންސީގެ ވަޤުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ކޮށްފަ އެވެ.