ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން އެ ތަހުގީގީ އިދާރާއަކުން މައްސަލަ ބަލާ ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ ޝަކުވާ އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން، އެ އިދާރާއަކުން އެ މައްސަލައެއް ތަހުގީގު ކުރާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ މިއަދުން ފެށިގެން އެއިދާރާއަށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޖިނާއީ މައްސަލައެއްގެ ތަހުގީގު ހިނގަނީ ގާނޫނާއި ގަވާއިދުގެ ތެރެއިންތޯ ބެލުމަކީ ޖިނާއީ އިޖުރާތުން ޕީޖީ އޮފީހަށް މަޖުބޫރުކުރުވާ ކަމެކެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިންގޮތުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގާއިމެދު ޝަކުވާ ހުށަހެޅުމަށް ހާއްސަ ޓެބެއް އެ އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން އޮންނާނެ އެވެ. އަދި، އެ ޓެބަށް ފިއްތާލުމާއެކު ފެންނަ 'ޝަކުވާ ހުށަހަޅާ ފޯމު' ފުރުމަށްފަހު ސަބްމިޓްކުރުމަށް އެ އޮފީހުން އެދިފައިވެ އެވެ. އަދި، މައްސަލައެއް ހުށަހެޅުނުކަން ޔަގީންކުރުމަށް އެ ފޯމާއި އެކު ތަހުގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރަން ޕީޖީ އޮފީހުން އެދިފައިވެ އެވެ.

އެގޮތުން، ޝަކުވާ ފޯމު ހުށަހެޅުމުން އެ މައްސަލައަކާއި ހަވާލުވެހުރި ޕްރޮސިކިއުޓަރަކަށް އެ ފޯމު ލިބޭނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި، ޕްރޮސިކިއުޓަރަށް ޝަކުވާ ފޯމު ލިބުމުން އެހެން މަސައްކަތަކަށް ދެވޭނީ އެ ފޯމަށް ޖަވާބުދާރީވުމަށް އަންދާޒާކުރާ ދުވަހެއް ކަނޑައެޅުމަށްފަހު ކަމަށާއި، ކަނޑައެޅި ތާރީހުގެ ތެރޭގައި ފޯމު ހުށަހެޅި ފަރާތަށް ޖަވާބު ލިބޭނެކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ތައާރަފްކުރި ނަމަވެސް، ސީދާ ކަރުދާހުން ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް ފަހިވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.