ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ވައްކަމެއް ކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ވަނީ ހޯދާފައިވާ ކަމަށެވެ. މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 26 ވަނަ ދުވަހު އެވެ. 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.
މި ދެމީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ހ. ތިމާވެށި ގެ އިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވެއެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. މި ތަކެތީގެ އަގު މިލިއަނަކަށް ވުރެ ބޮޑެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.