ހަނގުރާ ވަރުގަދައަށް ހިނގަމުންދަނިކޮށް ފަލަސްތީނު ރައްޔިތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ފަރުޟު ނަމާދުތަކުގައި ކިޔަން ފެށި ގުނޫތު ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

މިނިސްޓްރީން ރަށު/ސިޓީ ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޤުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށެވެ.

އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ގުނޫޒު ނާޒިލާ ކިޔަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

އޭރު އެންގީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ.

އޭގެފަހުން އެ މަހުގެ 18 ވަނަ ދުވަހު ވަނީ ފަރުޟު ފަސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔަން އަންގައިފަ އެވެ. އަނެއްކާ ވެސް ޑިސެމްބަރުގައި ވަނީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔަން އަންގައިފަ އެވެ.

ސަރުކާރުން މިހެން ނިންމާފައި ވާއިރު، ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ކުރިއަށް ގެންދާ ހަމާލަތަކަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށް އެބަދެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ބުނެ އެވެ.