ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭނެކަމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫން ކަމަށެވެ. އަދި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާ ވާނެ ކަމަށާއި، ހަމައެއާއެކު ޤާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މިއަހަރަށް މަޖިލިސް ހުޅުމުގެ ބޭއްވި ޖަލްސާގެ ތެރެއިން... ފޮޓޯ: މަޖިލިސް އިދާރާ

މިއަދުގެ ރިޔާސީ ބަޔާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަހްލާގާއި ސުލޫކު މުޖްތަމައުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އުފައްދަވާފައިވާކަން ފާހަގަ ކުރައްވައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ސަރުކާރުން އާ ހަ މިސްކިތް އަޅަން ހަވާލުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާކަން ވެސް އެމަނިކުފާނު ބަޔާން ކުރެއްވި އެވެ.

މިއަހަރަށް މަޖިލިސް ހުޅުމުގެ ބޭއްވި ޖަލްސާގެ ތެރެއިން... ފޮޓޯ: މަޖިލިސް އިދާރާ

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް، މި ދައުރުގެ ތެރޭގައި، ސަރުކާރުގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މި އަހަރު ތެރޭގައި 50 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ޚަރަދުގައި ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޒަކާތަށް ދޭ އަހައްމިއްޔަތު އިތުރުކުރުމުގެ ގޮތުން ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގާއިމުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރޯދަ މަހު ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ އަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިއުން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިސްލާމީ މުނާސަބާތަކާއި ގައުމީ މުނާސަބާތައް ވެސް ދީނީ އަދި ގައުމީ ފުރިހަމަ ރޫހާއި އުފާ ފާގަތިކަމާއި އެއްބައިވަންތަކަމާ އެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެކަމުގަ އެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި އެވެ.