ރާއްޖޭގައި ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށާއި އާމްދަނީ އިތުރު ކުރުމަށް ޓެކްސް ބޭސް ފުޅާ ކުރުމަކީ އެއް އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަ ގުނަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ވެސް ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މުހިންމު ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިކަމާބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހެޅި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ކުންފުނިތައް ހަރުދަނާ ކުރުމާބެހޭ ހާއްސަ ސިޔާސަތެއް ވަނީ ފާސްކުރެވިފައި." ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރު ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫއުތަކުގެ މަސައްކަތްތައް ބަހާލައި ރާވައިގެން ގެންދަން ވާނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަމާޒަކީ މިހާރު މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމައި، މަޝްރޫއުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުމެވެ.

"ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަޅުގަނޑުމެންގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން. މިއީ ގައުމުގެ އިގްތިސާދީ އަދި މާލީ މުސްތަގްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަން ވެސް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.