ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ފައްޓަވަމުން، އެމަނިކުފާނު ވަނީ އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެންހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެ ކަމަށެވެ. އަދި ގުރައިދޫގެ އެއާޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދުވީ ގޮތަށް، ބަޖެޓުން މި ރަށުގެ އެއާޕޯޓު ހެދުމަށް ޖާގަ ދީފައި ނެތް ނަމަވެސް އިރާދަކުރެއްވިއްޔާ މި އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ. ހޯދާނަން. އިރާދަކުރެއްވިއްޔާ މި އަހަރު [އެއާޕޯޓުގެ މަސައްކަތް] ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެއާޕޯޓުގެ އިތުރުން ރަށުގެ ތަރައްގީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަގީގީ މާނައިގައި ދެމެހެއްޓެނިވި ތަރައްގީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމަށެވެ.
ރައީސް ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.