ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ޓިކެޓު ލިބުނު ކެންޑިޑޭޓުން ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދާ އެކުގައި ސަރުކާރުގެ ކެންޑިޑޭޓުން ނެރެމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް އައިއިރު ދެ ދާއިރާއަކުން މި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެ ދެ ދާއިރާއަކީ ތިމަރަފުށީ ދާއިރާ އާއި ގައްދޫ ދާއިރާ އެވެ.

އޭގެ ތެރެއިން ތިމަރަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބިފައި ވަނީ އިބްރާހިމް ސަނާހް (ސަންޓޯ) އެވެ. އޭނާއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒާ އެކީގައި އެންމެ އަރިސްކޮށް މަސައްކަތް ކުރި އެކަކެވެ. ރައީސް ވަޑައިގެންނެވި ވަރަށް ގިނަ ރަށްރަށަށް އެމަނިކުފާނާ އެކުގައި ސަންޓޯ ވެސް ދިޔަ އެވެ.

ސަންޓޯގެ ބައެއް ގާތް މީހުން ބުނެފައިވާ ގޮތުގައި، މިއީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމްގެ ނުފޫޒުގެ ބާރުގެ ދަށުން ކޮށްގެން އުޅޭ ކަމެކެވެ. ރައީސް މުއިއްޒު ތ. އަތޮޅަށް މި ހަފްތާގައި ފެއްޓެވި ދަތުރުފުޅުގައި ސަންޓޯ ބައިވެރިކޮށްފައި ނުވާ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.

އޭގެ ބަދަލުގައި ރައީސް ޑރ. މުއިއްޒު ތާއީދު ކުރައްވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ، އަހުމަދު ރިޔާޒަށް ކަމަށްވެ އެވެ. ރިޔާޒްގެ ބޭބެ، އަމިއްލަ ގޮތުން ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. އެކަމަށް ހެކިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ބެލެވޭ ގޮތުގައި އެ ވީޑިއޯއަކީ މި ފަހުން ރައީސް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯގައި ރިޔާޒްގެ އަރިހުގައި ރައީސްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމުގައިވާ އާދަމް ރަމީޒް އާއި އަބްދުﷲ ނަސީރުވެސް ފެނެ އެވެ. އަދި ރިޔާޒްގެ ބޭބެ ވެސް އެ ބައްދަލުވުމުގައި އިންނަވަ އެވެ.

"ދެން އަދި ތިމަރަފުށީ ކައުންސިލް މެމްބާސް މީޓިންގަ ވެސް ރައީސް ދަންނަވާނެ، ރައީސް ތާއީދު އޮތީ ރިޔާޒަށް ކަން. ދެން އޭގެ އިތުރުން އަޅުގަނޑަށް އަންގާފައި އޮތީ، ދެން ހުރި ކެންޑިޑޭޓަށް [ސަނާހު]އަށް ގުޅާފަ ހުރިހާ ކަމެއް ހުއްޓާލަން ވެސް، ނަންގަންނާށޭ،" އެ ވީޑިއޯގައި ރަމީޒް ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ ޕީއެންސީ ޓިކެޓް، ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ކުރެއްވީ މަހްމޫދު ޝަފީގް (މަހާ) އެވެ. އެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލީ އެވެ. ނަމަވެސް މުހައްމަދު އަލީ ވަނީ ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކަން އިއުލާން ކުރައްވައިފަ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ގައްދޫ ދާއިރާ އަށް ރައީސް ނެރެން ބޭނުން ވަނީ މުހައްމަދު އަލީ އެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ބަހެއް ލިބިފައެއް ނުވެ އެވެ.