މިދިިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކްއާޓާ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައިވާގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފް، އާއި ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ.

އެ ދެ މީހުންގެ ތެރެއިން ރިކްޒުއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

ހަމަނުޖެހުންތައް ބޮޑުވެ ކުޑަ ހެންވޭރާއި ވިކްޓްރީގެ މެޗު ހުއްޓާލީ މެޗް ނިމެން 10 މިނެޓަށް ވެފައި އޮއްވަ އެވެ. ކުޅުން ހުއްޓާލިއިރު، ވިކްޓަރީ އޮތީ 3-1 އިން ކުރީގަ އެވެ.

އެ ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ވިކްޓްރީގެ ކޯޗް ސޮބާހް މުހައްމަދު އަނގަމަތި ވަނީ ފަޅާލައިފަ އެވެ.