ގާޒާ (ފެބްރުއަރީ 11) - ފަލަސްތީނުގެ ގާޒާ ސިޓީން މިދިޔަ މަހު ގެއްލުނު އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އާއިލާއާ އެކު ހިންދު ރަޖަބު ގާޒާ ނުކުތުމަށް ކާރެއްގައި ދަތުރުކޮށްފައި ދަނިކޮށް އިޒްރޭލް ސިފައިން ހަމަލާދީ އެ ކާރުގައި ތިބި ހިންދުގެ ބޮޑު ބޭބެ އާއި ބޮޑު ދައިތަ އާއި ބޮޑު ބޭބެ އަދި ދެބެންގެ ދެދަރި ތިން ކުދިން ވަނީ ޝަހީދުކޮށްލައިފަ އެވެ. އެ ހަމަލާ އިން ސަލާމަތްވީ ހަމައެކަނި ހިންދު އެވެ. ހިންދާއި އިމަޖެންސީ ކޯލް އޮޕަރޭޓަރާ ދެމެދު ދެކެވުނު ވާހަކައިގެ އޯޑިއޯ ރެކޯޑިންއިން އިވޭ ގޮތުގައި ކާރުގައި ތިބި އެންމެން ޝަހީދުކޮށްލުމުން އެ ކުއްޖާ އޮތީ ކާރު ތެރޭގައި ފިލަ އެވެ. އެހީ އަށް އެދި އެ ކުއްޖާ ގޮވަމުން ދަނިކޮށް ފޯނު ކޯލް ކެނޑުނީ އިޒްރޭލުގެ ހަމަލާތަކުގެ ބާރު އަޑުފައްގަނޑާ އެކު އެވެ.
ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) ގެ ޕެރަމެޑިކްސް އިން އިއްޔެ ވަނީ އެ ކާރު އޮތް ސަރަހައްދަށް ގޮސްފަ އެވެ. ކުރިން އެ ތަން އޮތީ ހަނގުރާމަ ހިނގާ ސަރަހައްދެއްގެ ގޮތުގައި ބަލައި ބަންދުކޮށްފަ އެވެ. ހިންދު ދަތުރުކުރި ކާރުގެ ވިންޑްކްރީން އާއި ޑޭޝްބޯޑް ވަނީ ފުނޑުފުނޑުވެފަ އެވެ. ކާރުގެ ދެ ފަރާތަށް ވަނީ އެތައް ވަޒަނެއް އަރައިފަ އެވެ.
ޕެރަމެޑިކް ޓީމުގެ މެންބަރަކު މީޑިއާ އަށް ބުނި ގޮތުގައި ކާރު ތެރޭގައި ޝަހީދުވި ހަ މީހުންގެ ތެރޭގައި ހިންދު ހިމެނޭ ކަމަށެވެ. އެންމެން ގަޔަށް ވެސް ވަނީ ވަޒަން އަރައިފަ އެވެ. އެ ކާރާ މާ ދުރު ނޫން ހިސާބެއްގައި އަނދާފައި އޮތް އެހެން ވެހިކަލެއް ވެސް އޮތެވެ. ރެޑް ކްރެސެންޓުން ބުނީ އެއީ ހިންދަށް އެހީވާން ފޮނުވި އެމްބިއުލެންސް ކަމަށެވެ. އިޒްރޭލް ސިފައިން އެ އެމްބިއުލެންސަށް ބޮން އެޅުމުގެ ސަބަބުން އޭގައި ތިބި ދެ މީހުން ވެސް ތިބީ ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ރެޑް ކްރޮސެންޓުން ބުނީ އިޒްރޭލް ސިފައިން ވަނީ އެމްބިއުލެންސަށް ގަސްދުގައި ހަމަލާދީފައި ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހު އެވެ.
"ހިންދު ސަލާމަތް ކުރުމަށް ކުރިން ވާހަކަ ދެކެވި އިޒްރޭލުން ހުއްދަ ހޯދައިގެން ދަތުރުކުރި އެމްބިއުލަންސަކަށް ހަމަލާދީފައި ވަނީ ގަސްދުގައި،" ރެޑް ކްރެސެންޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރެޑް ކްރެސެންޓުގެ ތަރުޖަމާން ނިބާލް ފަރްސާޚް ވިދާޅުވީ އެމްބިއުލެންސަށް ހަމަލާ ދިން އިރު އެ މީހުން ދިޔައީ އޭގައި ތިބި މީހުންނާ ވާހަކަ ދައްކަމުން ކަމަށެވެ. އަދި ހިންދު ފެންނަ ހިސާބަށް އެމްބިއުލެންސަށް ދެވިފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ނިބާލް ވިދާޅުވި އެވެ.
ހަނގުރާމައިގެ ވަގުތުގައި ވެސް އެމްބިއުލެންސްތަކާއި މެޑިކަލް ޓީމުތަކަށް ހަމަލާ ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދޭ މީހުންނަށް ހަމަލާ ނުދިނުން ވެސް ވަނީ މަނާކޮށްފަ އެވެ. އެކަމަކު އިޒްރޭލުން އެކަން ކޮށްފައި ވަނީ މިއިން އެއްވެސް އުސޫލަކަށް ބެލުމެއް ނެތި އެވެ.
އިޒްރޭލުން ބުނެފައި ވަނީ ހަމާސް އިން ހަތިޔާރާއި ހަނގުރާމަވެރިން އުފުލުމަށް އެމްބިއުލެންސް ބޭނުންކުރާ ކަމަށެވެ.