ހުއްދަ ނުނަގައި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއެއްގޮތަށް އެއްވެ އުޅުމުގައި ދޭން ނިންމާފައިވާ ލުއިތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

"ހަފުތާ14ގެ ތެރޭގައި ވަރަށް އަވަހަށް އިއުލާން ކުރާނަން އޭގެ ތެރެއިން ދޫކުރާނެ ލުއިތައް. އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ މިސާލަކަށް ހުއްދައެއް ނުނަގާ މާލެ ތެރޭގައި އެއްވާން މި އޮންނަނީ އެންމެ ތަނެއް، އޭގެ ބަދަލުގައި ފުލުހުންގެ ހުއްދަ ކުރިއާލައި ނުނަގާ އުޅެވޭނެ އިތުރު ތަންތަން އައިޑެންޓިފައި ކުރެވޭތޯ މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހަށް ހުށަހެޅިފައިވާ އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަހަށް ފާސްކޮށްދިނުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިހާރު ގާނޫނު އޮންނަގޮތުން ހުއްދަ ނުނަގައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅައި އިއުލާން ކުރާ ތަންތަނުގައި އެކަންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަނޑައަޅާފައި ވަނީ ހުއްދަ ނުނަގައި އެއްވެވޭނި ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށެވެ.