އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްގެ ދަށުން 20 އިމާމުންނާއި ޚަތީބުން މައްކާއަށް ފޮނުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 މީހުން އަންނަ ހުކުރު ދުވަހު މައްކާއަށް ފުރާނެ ކަމަށެވެ. ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް އިމާމުން އަންނަ އެޕްރީލް މަހު ފުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން މި އަހަރުގެ ތެރޭގައި މިސްރާއި މެލޭޝިއާ އާއި ބުރޫނާއީގެ އިތުރުން އިންޑޮނީޝިއާ ވެސް ފުރާނެ ކަމަށެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ހުރިހާ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށީގައި ވެސް އިއްޔެ ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެ އެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

އޭގެ އިތުރުން ޑިގްރީ ހަދާފައި ތިބި އިމާމުންނަށް މާސްޓާސް ހަދަން ސްކޮލަޝިޕްގެ ފުރުސަތު އަދި މަސްޓާސް ނިންމަވާފައި ވާނަމަ ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެއްވައި އިމާމުންގެ މުސާރައަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ މިނިސްޓްރީން ބުނެ އެވެ.