ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް މި މަހު 25 ގައި ފެށުމަށް ނިންމައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖެނުއަރީ 28، ގަ އެވެ. އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަން ނިންމައި މައްސަލަ ރަޖިސްޓްރީ ކުރީ މި ފެބްރުއަރީ 5، ގަ އެވެ. އަދި ކޯޓުން ގޮތެއް ނިންމަން ދެން ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލަން މިދިޔަ ބުރާސްފަތި ދުވަހު އެންގި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ތާރީހާއެކު ކޯޓުގެ ނޯޓިސްއެއް މިހާރު ލިބިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.

އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:45 އަށެވެ.

ރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނު ނަމަވެސް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ނިންމީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.