ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހަމަޖައްސަވައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިފަދައިން ވިދާޅުވީ ތިން ވަނަ ގައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަކުރުމަށް ޝީ ބިލްޑިންގައި ބޭއްވި ޖަލްސާ ސަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ވެސް ތެލަސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދެއްވައި އެ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ތެލަސީމިއާއަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް މި ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ތެލަސީމިއާ އަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ނައިބު ރައީސް ވަނީ ތެލަސީމިއާ ކުދިންގެ ހިތްވަރަށް ސާބަސް ދެއްވާފަ އެވެ. އަދި ތެލަސީމިއާ ކުދިންނަށް މި ސަރުކާރުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.