ކޮވިޑް-19އާ ގުޅިގެން އިގްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމަށް ބީއެމްއެލްއިން 502.7 މިލިއަން ރުފިޔާގެ ލޯނު ވިޔަފާރިތަކަށް ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް 346 ފަރާތަކަށް އެ ބޭންކުން ވަނީ ލޯނު ދޫކޮށްފަ އެވެ. އެއީ ޖުމްލަ 502.7 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 554 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 397 ފަރާތަކަށް ލޯނު ދޭން ނިންމާފައިވެ އެވެ. އަދި 17 ފަރާތަކަށް ލޯނު ހަމަޖެހިފައި ނުވާއިރު، 17 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް- 19 ރިކަވަރީ ލޯން ސްކީމަކީ ކޮވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ބީއެމްއެލްއިން ތައާރަފްކުރި ލޯނު ސްކީމެކެވެ.
މިސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.
ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގަ އެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ދެ އެވެ.