ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ހާލު ސީރިއަސް ވެގެން އައިޖީއެމްޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަނިޔާވި 3 ވަނަ މީހާއަށް ފަރުވާ ދެމުންދަނީ ވޯޑްގައި އެޑްމިޓް ކޮށްގެންނެވެ.

ވިލިމާލޭ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗު ޖެހި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:18 ހާއިރު އެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ވިލިމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ވިލިމާލޭ ބްރިޖް އަޅަމުންދާ އެފްކޮސްގެ ލޯނޗަކާއި އަނަންތަރާ ލޯންޗެއް ޖެހިގެންނެވެ.

މި ހާދިސާގައި އެކްސިޑެންޓުވި އެއް ލޯންޗުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ ލޯންޗު އަޑިއަށް ދިޔަ އެވެ. އަޑިއަށް ދިޔަ ލޯންޗުގެ ބައިތައް ނަގާފައި ވަނީ ވޯޓާ ސްޕޯޓްސް އަތިރިމަތިންނެވެ.

އެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދިވެސް ސާފެއް ނުވެ އެވެ. ނަމަވެސް ބްރިޖު މަސައްކަތް ކުރާތީ މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން އޮތީ މަނާ ކޮށްފަ އެވެ.