ރޯދަ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ކަނޑައަޅައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރަން އެމްޑީޕީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭގޮތަށް ހަމަޖައްސައި ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ރައީސް އަނބުރާ ފޮނުވާލެއްވުމުން އެމްޑީޕީން މިއަދު ވަނީ އެ އިސްލާހު އޮތްގޮތަށް މިއަދު އަނެއްކާވެސް ފާސްކޮށްފަ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލާ ބިލެއް، ކުރިން އޮތްގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަންޖެހޭނެ ކަމަށެވެ. ނަމަވެސް އެކަމަށް މުއްދަތެއް ދީފައެއްނުވެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ފާސްކުރި ބިލް ތަސްދީގު ނުކޮށް ލަސްވާތީ އެ ޕާޓީން މިއަދު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެ ބިލު އެންމެ ފުރަތަމަ ފާސްވީ 44 މެންބަރުންގެ ވޯޓުން ކަމަށެވެ. އަދި މިފަހަރު 47 މެންބަރުންގެ އަގުލަބިއްޔަތާ އެކު ދެވަނަ ފަހަރަށް އެބިލު ފާސްކުރުމުން ރައީސަށް ބިލު ތަސްދީގުކުރުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބެލިޔަސް، އެ ބިލް ފާސް އެވީ އަގުލަބިއްޔަތު މެމްބަރުންގެ އަދަދަށްވުރެ ވެސް މަތީ ވޯޓުން ކަމަށެވެ. މަޖިލީހުގެ އަގްލަބިއްޔަތު ވޯޓަކީ 44 އެވެ.

އެ ބިލް ފާސްނުކުރަން ގާނޫނީގޮތުން ރައީސަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.