ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމީ މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

މަޖިލިހުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 17 ގަ އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާ އެވެ. އެގޮތަށް ކަނޑައަޅާފައި ވަނިކޮށް އިންތިހާބުތައް ރޯދަ މަހާ ދިމާވާ ނަމަ، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލިހުން ފާސް ކުރި އެވެ.

އެކަމަކު، އެ ބިލް މަޖިލިހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީގު ކުރައްވަން ފޮނުއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް ތަސްދީގު ނުކުރައްވައި މަޖިލިހަށް އަނބުރާ ފޮނުއްވާލައްވައިފަ އެވެ. އެއާ އެކީގައި އިއްޔެ ބޭއްވި މަޖިލިހުގެ ޖަލްސާގައި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ބިލް ފާސް ކުރި އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.