ކައުންސިލުތަކުގައި މަސައްކަތްކުރާ އިދާރީ ނުވަތަ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރަ އާއި އިނާޔަތްތައް ރަނގަޅުކޮށްދެއްވަން ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ގައި ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ގެންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްގައި މަސައްކަތް ކުރެއްވިފައި ހުރުމުން ކައުންސިލްތަކުން ކުރާ ބުރަ މަސައްކަތް އެނގިވަޑައިގަންނަވާ ކަމަށެވެ. މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމުގައި ކުރިމަތިވަނީ ގާނޫނީ މައްސަލަތަކެއް ކަމަށާއި މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެކަމުގައި އަޅުގަނޑު މަސައްކަތްކުރާނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކީގައި."