މި އަހަރު ނިމޭއިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭ ވަރު ވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަލިފުށީގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު، އެސްޑީއެފްގައި ހުރި ޑޮލަރުކޮޅު ހުރީ މާރުކޮށްލާފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން އެކަން ކުރި ކަމުގައި ވިޔަސް، މި ސަރުކާރުން އަލުން އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު 30 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

"ސޮވެރިން ފަންޑަށް ޑޮލަރު ޖަމާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން. މިހާރު ތިރީހަކަށް މިލިއަން ޑޮލަރު ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އިގްތިސާދު ހަރުދަނާ ކުރުމަށް އާ ޓެކުހެއް ނުނަގައި، ޓެކްސް ބޭސް ފުޅާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރާއި 2026 ވަނަ އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ވަނީ ދައްކަން ޖެހިފައެވެ. އެހެންވެ، އިގްތިސާދު ފުޅާކުރަމުން އާ އިންވެސްޓަރުންނަށް ފުރުސަތު ހޯދައި އެމީހުންނަށް ޔަގީންކަން އިތުރުކޮށްދެމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. މި އަތޮޅުގައި ވެސް ގިނަ ރިސޯޓުތަކެއް ހުޅުވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ޓޫރިސްޓު ރިސޯޓުތަކަކަށް އަޅުގަނޑުމެން ހުޅުވާލިޔަސް ބަޔަކު ނާންނާނެ ރާއްޖޭގެ އިގްތިސާދުގައި އެ ބުންވަރު ހުރި ކަމަށް އެމީހުންނަށް ގަބޫލު ނުކުރެވޭ ނަމަ." ރައީސް ވިދާޅުވި އެވެ.

ސޮވެރިން ފަންޑުގައި ހުރި ޑޮލަރުތައް ރުފިޔާއަށް ބަދަލުކޮށް އެ ފަންޑުގައި ހުރި ޑޮލަރު ސަރުކާރުން 2020 ވަނަ އަހަރުތެރޭ ބޭނުންކޮށްފައިވާ ކަމަށާއި އެ ފަހުން އެ ފަންޑަށް ޑޮލަރުން އެއްވެސް ވަރަކަށް ފައިސާ ޖަމާކޮށްފައިނުވާ ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން މީގެކުރިން ވަނީ ހާމަވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވެރިން ފަންޑު އުފެއްދީ ބޭރުގެ ދަރަނި ދެއްކުމަށާއި، ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަން ވިސްނާފައި އޮތީ އިގްތިސާދަށް ކުރިމަތިވާ ކުއްލި ލޮޅުމެއްގައި ބޭނުން ކުރުމަށާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް ނަގާ ލޯނު އަނބުރާ ދެއްކުމަށާއި، އަދި ލޯނު ނަގާއިރު ގެރެންޓީއެއްގެ ގޮތުގައި އޭގައި ހުރި ފައިސާ ބޭނުން ކުރުމަށެވެ.

ގާނޫނެއްގެ ދަށުން މި ފައިސާ މިހާރުވެސް ނަގަމުން އަންނަ އިރު، ކުރީ ސަރުކާރުން މިހާރު އެ ފަންޑަށް ފައިސާ ޖަމާކުރަނީ ޑޮލަރު މާރުކޮށް، ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ފަންޑަށް ފައިސާ ޖަމާ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ނެގޭ އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުންނާއި އެއާޕޯޓުގެ އެކިއެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ. ދަތުރު ކުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރު ނަގާއިރު ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގަ އެވެ.