އިންޑިއާގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު އިވެންޓަކީ މަހުޖަނު އަމްބާނީ އާއިލާއަށް ނިސްބަތްވާ އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެންޏެވެ. އެ ކައިވެނީގެ ކުރިން ބާއްވާ ޕްރީ ވެޑިން ގާލާ މިހާރު ވަނީ ބާއްވާފަ އެވެ.

އެ ހަފްލާގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެން ދިޔައިރު އާއްމުންގެ ސަމާލުކަން ލިބިގެން ދިޔައީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތިން ޚާން އެކުގައި ފެނުނު ފެނިލުމަށެވެ.

އަމްބާނީ ގާލާގައި ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން ވަނީ އެކުގައި "ނާތޫ ނާތޫ" ލަވައަށް ނަށާފަ އެވެ. އާއްމުންނަށް ހެއްވާ ކަމަކަށްވީ އެ ތަރިންނަށް ލަވައިގެ އަސްލު ސްޓެޕްތައް ނޭނގުމުން އަމިއްލައަށް ސްޓެޕްތަކެއް ހަދައިގެން ނެށުމުންނެވެ.

https://www.youtube.com/watch?v=JYMhR-nfKg4

މި ތިން ތަރިން އެކުގައި ހުށައަޅައިދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެއަށް ތައުރީފް ކުރަމުންނެވެ.

ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ގޮތުގައި ބެލެވޭ މި ތިން ތަރިން އެކުގައި ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެންމެ ފަހުން އެމީހުން އެކުގައި ފެނުނީ ރަޖަތު ޝަރްމާގެ "އާޕްކީ އަދާލަތު"އިންނެވެ.

އަމްބާނީގެ ކުލަގަދަ ހަފްލާގައި ތިން ޚާނުންގެ އިތުރުން ވެސް ބޮލީވުޑްއާއި ހޮލީވުޑްގެ އިތުރު ތަރިންގެ ހުށައެޅުންތައް ވެސް ފެނިގެންދިޔަ އެވެ.