އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަނީސް ހިލްމީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގައި އޭނާ އަލުން ބަންދުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ހއ. ބާރަށު، ސިލްސިލާގެ އަނީސްގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އެވެ.

އަނީސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ އޭނާ އެއް މަހަށް ޖަލަށްލާން ކުރި ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އެކަމަކު، ދެން އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ.

އަނީސް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ދުވަހެއް ނޭނގުމާއި، ކުށުގެ ރެކޯޑެއް ނެތުމާއި، ބަންދުގެ ހުރި މުއްދަތުގައި ކަރެކްޝަންސްގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައި ނުވުމާއި ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ އެވެ.

ނަމަވެސް އޭނާ އަލުން ބަންދުކޮށް ދިނުމަށް ހައި ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ.

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.