މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ހޮސްޕިޓަލުން އަންހެނުންގެ ހެލްތު ސްކްރީނިންއަށް ހާއްސަ "ވެލް ވުމަން" ޕެކޭޖުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަނުގައި މި ޕެކޭޖުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހަދަން ޖެހޭ މުހިންމު ޓެސްޓުތަކެއް ހެޔޮ އަގުގައި ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ ހޮސްޕިޓަލުން ފެށި ޕްރޮމޯޝަނެކެވެ.

ޓްރީ ޓޮޕްގެ "ވެލް ވުމަން" ޕެކޭޖް ވަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ. އެއީ 18 އަހަރާއި 34 އަހަރާ ދެމެދަށް ހާއްސަ ކޮށްފައިވާ ޕެކޭޖަކާއި 35 އަހަރުން މަތީގެ ޕެކޭޖެކެވެ.

އެ ހޮސްޕިޓަލުން ބުނީ "ވެލް ވުމަން ޕެކޭޖު" ދެ ބަޔަކަށް ބަހާފައި ވަނީ އަންހެނުންނަށް ވަކި އުމުރުތަކެއްގައި ކުރިމަތިވާ މައްސަލަތައް ހުންނާތީ ކަމަށެވެ. އެ ޕެކޭޖުގައި ދެ އުމުރުފުރައަށް ވެސް ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން އަދި ލެބޯޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ، އެ ހޮސްޕިޓަލުގެ ކާމިޔާބީގެ ފަހަތުގައި ހުނަރުވެރި، ޑެޑިކޭޓަޑް ގިނަ އަންހެން މުވައްޒަފުންތަކެއް ތިބުމަކީ ކުންފުންޏަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ފުރިހަމަ ސިއްހީ ހިދުމަތްތަކަކީ އަންހެން މުވައްޒަފުންގެ އެއްބާރުލުމާއި މަސައްކަތުން ކަމަށް ސީއޯއޯ ވިދާޅުވި އެވެ.

ޓްރީ ޓޮޕް އަކީ ގިނަ އަދަދެއްގެ އަންހެނުން މުުވައްޒަފުން މަސައްކަތްކުރާ، އަންހެނުންނަށް ސިއްހީ ދާއިރާގައި ކެރިއާ ބިނާކޮށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ތަނެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.