އަންނަ އޭޕްރިލް 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް މިހާރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން ހުޅުވަލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަނުން އަލުން ހުޅުވާލީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު އައުމާ ގުޅިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން އެ ތާރީހު ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަށް ލަސްކޮށްފަ އެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ ރީރަޖިސްޓްރީވުމުގެ މަރުހަލާ ނިމިފައި އޮތްނަމަވެސް، ތާރީހަށް އައި ބަދަލާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރީރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފަ އެވެ.

އެ ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރީ- ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށާއި، އެހެންކަމުން ދުރާލާ ރީ- ރަޖިސްޓްރީވުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

އެގޮތުން ރީ- ރަޖިސްޓްރީވުމަށް މި ލިންކަށް ވަނުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީ- ރަޖިސްޓާ ވެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން އެނގޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިންތިހާބު ބާއްވާ ތާރީހަށް އައި ބަދަލާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ވޯޓާސް ލިސްޓަށް އައި ބަދަލުތަކާއެކު ޝަކުވާއަށް ހުޅުވާޅުމުން 30 ޝަކުވާ ހުށަހެޅުނު ނަމަވެސް އޭގެ ތެރެއިން ބަލައިގެންފައި ވަނީ ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއެއް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ޝަކުވާތަކަށް ފުރުސަތު ދިނުމަށްފަހު އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މިހާރު ހިމެނެނީ 284،888 މީހުންނެވެ. މީގެ ތެރެއިން 561 މީހުންނަކީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ލަސްކުރުމާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި 93 ދާއިރާއަކަށް 371 ކެނޑިޑޭޓަކު ވާދަކުރެ އެވެ.