ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އުނދަގޫފުޅު ބޮޑުވެގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ބުނެ ދެކެވުނު ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކަމަށް ބުނެ، ޗެނަލް ތޭރަ ވެބްސައިޓްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ "އުނދަގޫފުޅު ބޮޑެވެގެން" އަދި "ޖާސޫސް ކުރައްވާތީ" ނައިބު ރައީސް ހިލާލީ ގެއިން ނިކުމެވަޑައިގެންފައިވާ ކަމަށެވެ އަދި ބަދަލުވެވަޑައިގެންފައި ވަނީ ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހަބަރުގައިވާ ގޮތުން ނައިބު ރައީސަށް ޖާސޫސް ކުރައްވަނީ، ހިލާލީގޭގޭ ޗީފް އޮފް ސްޓާފަކަށް އައްޔަންކޮށްފައިވާ ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ވަށަފަރު މުހައްމަދު ވަހީދު ހަސަން މެދުވެރިކޮށެވެ.

ނަމަވެސް މިކަން ދޮގުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ނައިބު ރައީސް ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއްކަމަށެވެ. މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން، ކަމުގެ ހަގީގަތް އޮޅުންފިލުވުން މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެފައިވެ އެވެ.

މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލައްވާފަ އެވެ.