"ހަފްތާ 14"ގެ މަސައްކަތްތަކަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ސުވާލުކުރެއްވީ ސަރުކާރުގެ ވައުދުތައް ފުއްދިފައިވާ މިންވަރާ ގުޅޭގޮތުންނެވެ. އެ މީހާ ބުނެފައި ވަނީ ރައީސް މުއިއްޒު ރައްޔިތުން ހޮވާފައިވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ބޮޑު އުއްމީދަކާއެކު ކަމަށެވެ. އެހެންކަމުން މިހާތަނަށް މި ވައުދުގެ ކިހާ އިންސައްތައެއް ސަރުކާރުން ހާސިލްކޮށްފައިވޭތޯ ވަނީ ސުވާލުކޮށްފަ އެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ސަރުކާރުގެ ހަފްތާ 14ގެ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ހަފްތާ 14ގައި ހިމެނޭ ހުރިހާ ވަޢުދެއްހެން ފުއްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަފްތާ 14ގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ކުރިމަގުގައި ހިންގާނެ ބޮޑެތި މަޝްރޫއުތަކަށް މަގުފަހިވާ ވައުދުތައް ވެސް ފުއްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަފުތާ 14ގައި 161 ވައުދު ހިމެނޭ. ދެތިން ކަމެއް ނުނިމި ވަނީ. 155އަށް ވުރެ ގިނަ ވައުދުގެ މަސައްކަތްތައް ވަނީ ހާސިލްކޮށްފައި. މީގެ އިތުރުން ކުރިމަގަށް ކުރަންހުރި ގިނަ ކަންކަން އެބަހުރި. ކުރިއަށް އޮތް އަހަރަށް އަދި އަހަރުތަކަށް ކުރަންޖެހޭ މަސައްކަތް އެބަ ހިނގާ. އަދި ރަށްރަށަށް ކުރި ދަތުރުގައި ރައްޔިތުން އެދުނު ކަންކަން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ،" ރައީސް ވިދާޅުވި އެވެ.

ހަފްތާ 14ގައި ޖުމްލަކޮށް ހުރިހާ ދާއިރާތަކުން މަސައްކަތްތައް ވަނީ ހިމަނައިފަ އެވެ. އަދި މިނިސްޓްރީތަކުން ހާސިލްކުރި ކަންކަމުގެ މައުލޫމާތު ކޮންމެ ތަނަކުން ވަކިވަކިން އަންނަނީ ދެމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތްތަކުގައި، ސަރުކާރުން ދުރު ރާސްތާއަށް ރާއްވަވާފައިވާ ކަންކަން ވެސް ފެށިފައިވާ ކަމަށެވެ.