ބޮލީވުޑްގެ ކާމިޔާބު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ މަޝްހޫރު "ކްރޮކްސް" އިންޑިއާގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

އުމުރުން 19 އަހަރުގެ ރަޝާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާއިރު އޭނާ އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. ރަޝާ ބްރޭންޑް އެމްބެސެޑަރަކަށް މަސައްކަތް ކުރާ "ކްރޮކްސް އިންޑިއާ" އަކީ ރަބަރު ފައިވާން އުފައްދާ ކުންފުންޏެކެވެ.

ރަޝާ އާއެކު އެމްބެސެޑަރުގެ ގޮތުގައި މިދިޔަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރި "ދި އާޗިސް" އިން ބޮލީވުޑަށް ތައާރަފުވި ވެދާންގް ރައިނާވެސް މަސައްކަތް ކުރާނެ އެވެ.

"ކްރޮކްސް އިންޑިއާ" ގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުމާ ގުޅިގެން ރަޝާ ބުނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ކްރޮކްސް" އާ ހިއްސާވުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އެ ބްރޭންޑްގެ "ކެޝުއަލް" ފައިވާންތަކަކީ އަމިއްލައަށް ވެސް ވަރަށް ގަޔާވާ އެއްޗެއް ކަމަށް ބުންޏެވެ.

ރަޝާ ތަޑާނީ އާއި ވެދާންގް

ރަވީނާގެ ދަރިފުޅު ރަޝާ ބޮލީވުޑަށް ލޯންޗުކުރާނީ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ.

މިފިލްމާއިބެހޭ މާބޮޑު ތަފްޞީލެއް ރަސްމީކޮށް ހާމަކޮށްފައިނުވާއިރު މިފިލްމުން އެކްޓަރު އަޖޭ ދޭވްގަންއަށް ބޮޑު ބޭބެކިޔާ އާމަން ދޭވްގަން ވެސް ބޮލީވުޑަށް ތަޢާރަފްވާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.