މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓް ދޫކުރުމުގައި "ހައުސިން ކޮމިޓީ" އަށް ބޭނުންވާ ލަފާ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ވަކި ކައުންސިލަރުންތަކެއް ހިމަނައިގެން ކޮމިޓީއެއް އެކުލަވާލާފައިވަނީ ކައުންސިލްގެ ބަހެއް ނެތި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ހައުސިން ކޮމިޓީއެއް މިދިޔަ ބުރާސްފަތި ދުވަހު އެކުލަވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ އަދި ކުރިއަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށެވެ.

ހައުސިން ކޮމިޓީގައި ހިމެނޭ ބޭފުޅުން

  • އަނީސާ އަހްމަދު
  • އާމިނަތު އީނާސް
  • އަހްމަދު އަލި މަނިކު
  • އަބްދުލްއަޒީޒު ޔޫސުފް
  • މަރިޔަމް ފިޒާނާ ރަޝީދު

މި ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފެއްދާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ރޭ އިއުލާނު ކުރައްވާފަ އެވެ.

ކައުންސިލް ކޮމިޓީގައި ހިމެނޭ ބޭފުޅުން

  • މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒު
  • އާއިޝަތު ނިޒްލީ ރަޝީދު
  • އަހްމަދު އައިފާން
  • ހަސަން ނިޒާމު
  • މުހައްމަދު އަރީޝް

ކައުންސިލް ކޮމިޓީއާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ އެފަދަ ކޮމިޓީއެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލް ބައްދަލުވުމެއްގައި ފާސްކޮށް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ކައުންސިލަރުންތަކެއް ހިމަނައިގެން ކޮމިޓީއެއް އެކުލަވާލާފައިވަނީ ކައުންސިލްގެ ބަހެއް ނެތި ކަމަށް ވެސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފަ އެވެ.