އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް 10،000 އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ- ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު އިއްޔެ މެންދުރުފަހު 3:00 އަށް ވަނީ މުއްދަތު ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 11،169 ފޯމު ހުށަހެޅި އެވެ. ނަމަވެސް އޭގެ ތެރެއިން ސައްހަ ކަމަށް ކަނޑައެޅީ 10،028 ފޯމު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތިން ގައުމެއްގަ އެވެ. އެއީ 150 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ގައުމުތަކެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރް އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.

މަޖިލިސް އިންތިހާބު ފަސްކުރަން އީސީ އިން ނިންމީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން ދެވަނަ ފާސްކުރުމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

އިންތިހާބު ފަސްކުރުމާ ގުޅިގެން 560 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މިބަދަލާ އެކު މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،887 މީހުންނަށް އިތުރު ވާނެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.