މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް އާމިނަތު ނުޒުހާގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ މަހެއް ފަހުން އޭނާ އެ މަގާމަށް އައްޔަން ކުރި ކަމުގެ ފަތްކޮޅު ގެއަށް ފޮނުވައިފި އެވެ.

މިއީ މިހާތަނަށް އެއްވެސް ރައީސަކު އަމަލު ކުރެއްވިގޮތެއް ނޫނެވެ. މިހާތަނަށް އައީ ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވައި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މެމްބަރުންނަށް ފަތްކޮޅު ހަވާލުކުރަމުންނެވެ. ނަމަވެސް މިފަހަރު ފަތްކޮޅު ގެއަށް ފޮނުވާލީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާ އެ މަގާމަށް އައްޔަންނުކޮށް ލަސްކުރީ ކީއްވެ ކަމެއް ވެސް ރައީސް އޮފީހުން ނުބުނެ އެވެ.

ނުޒުހާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ނުޒުހާ އެ މަގާމަށް އައްޔަންކުރީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހްމަދު ގައިސް މެމްބަރުކަމުން އިސްތިއުފާދެއްވުމުންނެވެ.