"މޯލްޑިވްސް ޒަކާތު ހައުސް"އިން މިދިޔަ ފެބްރުއަރީ މަހު އެހީގެ ގޮތުގައި މިދިޔަ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާ އިން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 69 މީހުންގެ ބޭސް ފަރުވާގެ ހަރަދުގެ ގޮތުގައި 740،805.79ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ.

ބޭސް ފަރުވާގެ އެހީ އަށް ބަލާ އިރު، %30 ހަރަދު ކުރީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އަދި %9.2 ލިވާ ޓްރާންސްޕްލާންޓަށް ހަރަދު ކުރި އިރު، %2 ހަރަދު ކުރީ ހިތުގެ އޮޕަރޭޝަނަށެވެ. އިތުރު %2 ސިކުނޑީގެ އޮޕަރޭޝަނަށް ހަރަދު ކުރި އިރު، ބާކީ %57.1 ހަރަދު ކުރީ އެހެނިހެން ބޭސް ފަރުވާއަށެވެ.

ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12،7500ރ. ދީފައިވެ އެވެ.

ޒަކާތު ހައުސް އިން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ މަހު 374،950.28ރ. ހަރަދުކޮށްފައިވެ އެވެ. އަދި އެ އިދާރާގެ މުވައްޒަފުންގެ މުސާރައަށް 192،432.81ރ. އަދި ޖަލްސާތަކާއި ސެމިނާތައް ބޭއްވުމަށް 93،761.61ރ. ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.