ކުޑަކުދިން ގެއްލިގެން ރިޕޯޓުކުރުމާ އެކު, ކުށްކުށަށް އަރައިގަންނަން އެ ކުދިން ބޭނުންކޮށްފާނެ ކަމަށް ބަލައި އެކްސްޕްލޮއިޓް ތަހުގީގެއް ފަށަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތަހުގީގީ އިދާރާތަކަށް މިއަދު ލަފާދެއްވައިފި އެވެ.

ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަހުޤީޤުކުރުމުގައާއި ދައުވާކުރުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި ޕީޖީ ޝަމީމް މިއަދު ވަނީ އިރުޝާދެއް ނެރުއްވާފަ އެވެ.

އެގޮތުން ދީފައިވާ މުހިންމު ބައެއް އިރުޝާދުތަކަކީ:

  • ކުޑަކުއްޖަކު ގެއްލިއްޖެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބޭ ހިސާބުން ކުޑަކުއްޖަކު އޮކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ތަހުގީގު ފަށަންޖެހުން
  • އިތުރަށް އެކުއްޖާ އެކްސްޕްލޮއިޓް ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ވަގުތުން ތަހުގީގު ފަށައި ސީސީޓީވީ ފުޓޭޖުތަކާއި ލިބެން ހުރި އެހެނިހެން ވެސް ވަސީލަތްތަކުގެ އެހީގައި ހަލުވިކަމާ އެކު ތަހުގީގު ކުރިއަށް ގެންދިއުން

މި ތަހުގީގުގައި ކުއްޖާގެ ހުރިހާ މައުލޫމާތެއް ހޯދިފައި ހުންނަން ޖެހޭނެ ކަމާއި، ސީސީޓީވީ ފުޓޭޖެއް ހުރެއްޖެ ނަމަ އެ ފުޓޭޖެއް ހޯދާ ތަހުގީގެއްގައި ފުރިހަމަ ވަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވާންޖެހޭނެ ކަމަށް ޕީޖީ އިރުޝާދު ދީފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާ، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގައި، ތަފާތު އެކިއެކި ކުށްކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ބޭނުންކުރުމަކީ އޭގެ ޒާތުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، މި ބާވަތުގެ ކުށްތަކުގައި ތަހުގީގުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރެ އެވެ.

ޕީޖީ އޮފީހުން ބުނީ މި އިރުޝާދުގެ ސަބަބުން ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެ ކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި، މި ބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހުގީގުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުސޫލުތައް ވެސް ދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެ ކަމަށެވެ.

އާއިލާއަށް ގެއްލިގެން ކުޑަކުދިން ހޯދަން ފުލުހުން ވަރަށް ގިނައިން އިއުލާނުކުރެ އެވެ. އެކަމަކު، އާންމުކޮށް ހޯދަން އިއުލާނުކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެނބުރި ގެއަށް ދެ އެވެ.