ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް މި ސަރުކާރުން ގަތް އަސްކަރީ ޑްރޯންތަކުގެ މުއާމަލާތާ ގުޅޭ ތަފްސީލު ހާމަނުކުރަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަސްކަރީ ޑްރޯންތަކަކީ ގައުމީ ސަލާމަތާ ސީދާ ގުޅުން އޮތް، ގައުމުގެ އަސްކަރީ މައުލޫމާތެއް ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތަކަކީ އެއްވެސް ގައުމަކުން އެއްކޮށް އާންމުކޮށް ހާމަކުރާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑަށް އެމްއެންޑީއެފް އިން ޗީފް އޮފް ޑިފެންސް ފޯސް، މިނިސްޓަރު ވެސް އަދި ދެން ތިއްބެވި ޖެނަރަލުން ވެސް ދެއްވި ލަފައަކީ އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވައި އެނގިގެން ނުވާނެއޭ. އެއްވެސް ގައުމެއްގެ މިލިޓަރީ އާލަތްތަކުގެ އަދަދާއި އޭގެ ތަފުސީލް އެއްކޮށް އެނގުނަކަ ނުދޭނެ، އެއީ ހަމަ ގައުމީ ސަލާމަތަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑްރޯންތައް ގަތުމުގައި ބޮޑު ބައެއް ލިބުނީ ހިލޭ ކަމަށް ހާމަކުރެއްވީ އޭގެ އަގު ބޮޑު ވާހަކަ ބައެއް މީހުން ދައްކާނެތީ ކަމުގައި ރައީސް ވިދާޅުވި އެވެ.
ޑްރޯން ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް ހުށަޙެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް މި ސަރުކާރަކީ ކޮރަޕްޝަންގެ އަމަލެއް ހިންގާނެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. އަދި އެކަހަލަ ކަމެއް ކުރާ ނަމަ އިސްވެ ފިޔަވަޅު ވެސް އަޅާނީ އަޅުގަނޑު. ޑްރޯން ކަންތަކުގައި އަދި އެހެން މަޝްރޫއެއްގައި ވެސް ކޮރަޕްޝަނެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕިން ތުހުމަތުކުރާ ގޮތުގައި ޑްރޯން ގަތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ފައިސާ ހޯދަން ބޮޑު އަގުގަ އެވެ. ދެ ޑްރޯން ގަތުމަށް ސަރުކާރުން 39 މިލިއަން ޑޮލަރު ހަރަދު ކުރި ގޮތް ސާފު ނުވާ ކަމަށް އެޕާޓީން ބުންޏެވެ. އެކަން ކަމާބެހޭ މުއައްސަސާތަކުން ބަލަން އެމްޑީޕީން ގޮވާލި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތައާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.