ހޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ޕްރިޔަންކާ ޗޯޕްރާ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކާއެކު އެނބުރި ބޮލީވުޑަށް އަންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.

ފިރިމީހާ ނިކް ޖޯނަސްއާއި ދަރިފުޅު މާލްތީ މޭރީއާއެކު މިހާރު އިންޑިއާއަށް އައިސް އުޅޭ ޕްރިޔަންކާ އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ޕްރޮޖެކްޓަށް ގިނަ ސްކްރިޕްޓްތަކެއް ކިޔާފައިވާ ކަމަށްވެ އެވެ.

އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ އެކްޝަން ސްކްރިޕްޓެއް އޭނާއަށް ކަމުގޮސް އެ ސްކްރިޕްޓާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން އެ ދެމީހުން ބައްދަލު ކުރަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ނިކް ޖޯނަސްއާ ކައިވެނި ކުރުމަށްފަހު ބޮލީވުޑް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ޕްރިޔަންކާގެ ހިންދީ ފިލްމަކަށް އިންތިޒާރުކުރާ މީހުން ގިނައިރު އެ ކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދެކެވެ އެވެ.

މީގެ ކުރިން ޕްރިޔަންކާ ބޮލީވުޑަށް އެނބުރި އަންނަން އޮތީ ކެޓްރީނާ ކައިފްއާއި ދީޕިކާ ޕަދުކޯންއާއެކު ފެންނަ "ޖީ ލޭ ޒަރާ" އިންނެވެ. އެހެން ނަމަވެސް އެ ފިލްމުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފައި ކަމަށްވެ އެވެ.