މުޅި ރާއްޖޭގައި މިއަދު އެކަނި 5،717 މީހަކަށް ކޮވިޑް ވެކްސިން ދީފި އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމަޔަށް މުޅި ރާއްޖެއިން 33،106 މީހަކަށް ވެކްސިން ވަނީ ދީފަ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ދިން 27،065 މީހަކަށާއި އަތޮޅު ތެރެއިން 6،041 މީހަކަށް ވެކްސިން ދީފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުގައި މިއަދު އެކަނި 4،609 މީހަކަށް ވެކްސިން ދީފައިވެ އެވެ. އަދި އަތޮޅުތެރެއިން 1،108 މީހަކަށް ވެސް ކޮވިޑް ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާއާ ގުޅިގެން އިންޑިއާގެ ސިރަމް އިންސްޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވެ އެވެ.

ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5،000 ޑޯޒްގެ ވެކްސިން އަމިއްލަ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ނިންމާފައި ވަނީ ކުރިޔަށް އޮތް ހަ މަސްތެރޭގައި ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެކްސިން ދިނުމަށެވެ.