ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް 2024 އަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ބުނީ 2018ވަނަ އަހަރު ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް އުފެދުނީއްސުރެ އެ އެންޖީއޯގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭ ކަމަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެކި ހުނަރުތައް ތަރައްގީކޮށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމަޢު ޝާމިލްކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން މިއަހަރުގެ ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށް ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ޕްރޮގްރާމްގައި މިވަގުތު 27 ދަރިވަރަކު ކިޔަވަމުންދާއިރު، މި ހުނަރުތައް އެކުދިންނަށް ދަސްކޮށްދެނީ އެކަމަށް ޚާއްސަ މުދައްރަސުންނެވެ. ދިރާގުގެ ޕާޓްނާޝިޕް މެދުވެރިކޮށް މި ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކެއަރ ސޮސައިޓީއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޮކޭޝަނަލް ޓްރެއިން ޕްރޮގްރާމް މެދުވެރިކޮށް 81 ޕަސެންޓް ޕްރޮގްރެސް ރޭޓް ދަރިވަރުން ވަނީ ހާސިލްކޮށްފަ އެވެ. އަދި މިގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާޢީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.