ރާއްޖެ އިން އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ލޯންތައް ރީ ސްޓްރަކްޗާކޮށް ލުއި ގޮތެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު ހުރީ 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ގަ އެވެ. އެގްޒިމް ބޭންކުން ނެގި ލޯނުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައްކަން ޖެހޭ އަދަދު ހުރީ 6.5 ބިލިއަން ރުފިޔާގަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު "މިހާރު" އޮންލައިނަށް ދިން އިންޓަވިއުއަށެވެ. އޭގައިވާ ގޮތުން ނަމަ، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ދަށްވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ.

ރައީސް މުއިއްޒަކީ މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ބާރު އެޅުއްވި ބޭފުޅެއް ކަމަށާއި އެކަން ކާމިޔާބު ކުރެއްވުމަށް ފަހު، މިހާރު އިންޑިއާގެ އެހީއަށް އެދިވަޑައިގަތީ ލޯންތައް ރީސްޓްރަކްޗާ ކުރަން ކަމުގައި އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްގައި ރިޕޯޓުކޮށްފައިވެ އެވެ.

އެކަމަކު، ލޯންތަކަށް ލުއި ގޮތްތަކެއް ހޯދަން މިހާތަނަށް އައިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ރަސްމީކޮށް ހުށަހަޅުއްވާފައި ނުވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ވެސް 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ. އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 380 މިލިއަން ޑޮލަރަށް އަރާ އިރު، ރާއްޖެ އަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އިންޑިއާ އަށް ދައްކަން ޖެހުން ކަމަށް އެ ނޫހުގައިވެ އެވެ.

އެ ނޫހުން ބުނި ގޮތުގައި "މިހާރު" އަށް ރައީސް ޑރ. މުއިއްޒު ދެއްވި އިންޓަވިއު އިން ދޭހަވަނީ އިންޑިއާ ފިޔަވައި އިތުރު ގައުމަކުން ރާއްޖެ އަށް މާލީ ގޮތުން އެހީ ނުވާނެ ކަމެވެ.

އަވަށްޓެރި ސްރީލަންކާ އަށް އިގްތިސާދީ ގޮތުން 2022 ވަނަ އަހަރު ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން މާލީ ގޮތުން އެހީތެރިވި ހަމައެކަނި ގައުމަކަށްވެފައި އޮތީ ވެސް އިންޑިއާ ކަމުގައި ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.

އެ ނޫހުން ފާހަގަ ކުރި ގޮތުގައި މި ފަހަކަށް އައިސް ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން ހަ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމަކީ އިންޑިއާ ކަމަށާއި އެންމެ ގިނަ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދަކީ ޗައިނާ ކަން އެ ނޫހުގައި ފާހަގަ ކުރި އެވެ.

"ކަށަވަރު ނުވާ މައުލޫމާތުތައް ދައްކާ ގޮތުން ނަމަ، އިންޑިއާ ފަތުރުވެރިން ރިސޯޓުތަކަށް ނައުމުގެ ސަބަބުން ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު ގެއްލުން 100 މިލިއަން ޑޮލަރަށް އަރާނެ،" ހިންދުސްތާން ޓައިމްސްގައިވެ އެވެ.