މާލޭގައި މިރޭ ގްރޫޕަކުން މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގުމަށްފަހު ފިލައިފި އެވެ.
މިރޭ އިރާކޮޅުގެ ވަގުތެއްގައި މާރާމާރީ ހިންގީ މާލޭގައި ހުރި ޓޭކްއަވޭ ތަނަަކަށް ގެއްލުން ދޭން އުޅުނު ކަމަށް ބުނާ މީހެއް ގައިގަ އެވެ.
އެ މާރާމާރީ ހިންގި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯ އިން ފެންނަގޮތުގައި ފަސް ވަރަކަށް މީހުން ވެގެން އެކަކު ގައިގައި ތަޅަ އެވެ. އެ މީހުންގެ ތެރެއިން އެކަކު ހުރީ އޭނާ ގައިގައި އޮޅުލައިގެންނެވެ.
އެވަގުތު އާންމުންގެ މީހުން ވެސް އެ މަންޒަރު ބަލަން ތިބިތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:00 ހާއިރު ލިބުނު ކަމަށެެވެ.
"މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާޔާ ބަަޔަކު މާރާމާރި ހިންގުމަށް ފަހު ވަނީ ފިލަފާއި" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގި މީހުންގެ ތެރެއިން އެކަކާއި ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.