ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސްގެ ޅިޔަން އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ) އަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެޑައިގެންނެވި އެވެ.

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ރައީސް މުއިއްޒު ވަނީ ޑޯޓުޑޯ ކުރިއަށް ގެންދަވާފަ އެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބައްދަލުކޮށް އެމީހުންގެ ބޭނުންތަކަކީ ކޮބައިތޯ ބެއްލެވި ކަމަށްވެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން ބުނީ ކޮންމެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެ ޕާޓީގެ ރައީސް މުއިއްޒު ޑޯޓޫޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ އެދުވަސްތަކުގެ މެންދުރު 2:00 އިން 3:00 އަށެވެ. އަދި ބައެއް ހަރަކާތްތައް ރޭގަނޑު ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްދާނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކަމަށް ޕީއެންސީން ބުނެ އެވެ.

ސަރުކާރު ކޯލިޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައިގެން އިދިކޮޅު އެމްޑީޕީން ވެސް މާލޭގައި ޑޯޓުޑޯ އާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދެ އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ. އަދި މި އިންތިހާބުގައި 371 ކެންޑިޑޭޓުން ވާދަކުރެ އެވެ.