ޗައިނާ ސަފީރުކަަމަށް، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް އަދި ބަންގްލަދޭޝްގެ ސަފީރުކަމުގެ މަގާމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފަޒީލް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންފަ އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ފަޒީލަކީ 1984 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް އަދާކުރެއްވުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރުމަށް ފޮނުވި ޝިއުނީން ރަޝީދަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރާއްޖެއިން ޗައިނާއާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުކަަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވެވި ނަންތައް ވަނީ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.